އަތޮޅުތަކުގެ ކައުންސިލަރުން މާލެ އަށް ސަލާންޖަހަން އަންނާތީ ލަދުން ފިއްކަނޑައިގެންދާ ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީން އެދޭ ތަރައްގީއާ ކުރިއެރުން ލިބޭނީ ރަނގަޅު މީހެއް ވެރިކަމުގައި ހުރެގެން ނޫން ކަމަށެވެ. އެކަން ހާސިލު ކުރެވޭނީ ނިޒާމުގެ ތެރެއިން ކަމަށާއި ކޮންމެ މީހަކަށް ވެސް ރަނގަޅު ގޮތް ނޫން ގޮތެއް ނުހެދޭނެ ގޮތެއް ހޯދުން އެމްޑީޕީން ހުއްޓާލައިގެން ނުވާނެ ކަމަށެވެ.
ނަޝިދު ވިދާޅުވީ، އެމްޑީޕީ އެކުލަވާލީ އެ މަސައްކަތް ކުރުމަށް ކަމަށެވެ.
ނަޝީދު ވަނީ އަތޮޅުތަކުގެ ކައުންސިލަރުން މާލެ އަށް ސަލާންޖަހަން އަންނާތީ ލަދުން ފިއްކަނޑައިގެންދާ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެމަނިކުފާނު 18 އަހަރު ޓިނު ގޮޅިއެއްގައި އަދި އަނދަގޮނޑި ޖަހާފައި ވެސް އޮންނެވީ އެ މަންޒަރު ދެކެން ބޭނުން ނުވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީ ވެރިކަމުގައި އޮތުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރާ އިރު، އެކަމާ ގިނަ ބަޔަކު އަންނަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، އަދާލާތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.