ބަރުލަމާނީ ނިޒާމަށް ބަދަލުވާން ފުރުސަތު ނުލިބިއްޖެ ނަމަ، ސަރުކާރަށް އޮތް ތާއީދު ގެއްލޭނެ ކަމުގެ ނުސީދާ އިންޒާރެއް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްވައިފިއެވެ.

ނަޝީދުގެ ފަރާތްޕުޅުން ނުސީދާ އިންޒާރެއް ސަރުކާރަށް އައީ، އެމްޑީޕީގެ ހަރުގޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުން ނަޝީދު ބާއްވަވާފައިވަނީ ރައީސާއި ބައެއް ވަޒީރުން ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި ނަޝީދު ވަނީ، ވޭތުވެދިޔަ އިންތިހާބުގެ ނަތީޖާ އަށް ބިނާކުރައްވައި، ކުރިއަށް އޮތް އިންތިހާބުގެ ނަތީޖާ އާ ގުޅޭ ގޮތުން އެމަނިކުފާނު ލަފާކުރައްވާ ގޮތް ހާމަކުރައްވައިފައެވެ. އެމަނިކުފާނު އާންމުކުރެއްވި ހިސާބުތަކަށް ބަލާލާއިރު:

  • އެމްޑީޕީ: 48 ޕަސެންޓު (112،000 ވޯޓު)
  • ޖުމްހޫރީ ޕާޓީ: 12 ޕަސެންޓު (16،000 ވޯޓު)
  • އަދާލަތާއި އެމްއާރުއެމް: ހަ ޕަސެންޓު (7،000 ވޯޓު)
އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

"އަޅުގަނޑު އަބަދު ވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެ ނަމަ، އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓު މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން." ނިޒާމް ބަދަލުކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަަމަ، ސަރުކާރަށް އޮތް ތާއީދު ދަށްވެގެން ދާނެ ކަމުގެ ނުސީދާ އިންޒާރު ދެއްވައި ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، މިއަދުގެ ސަރުކާރަށް ވޯޓު ލާނީ ވޯޓުލާ މީހުންގެ ނިސްބަތުގެ ޖުމްލަ 27 ޕަސެންޓު ކަމަށް ނަޝީދު ވަނީ ހިސާބު ޖައްސަވައިފައެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ސަރުކާރު އެކަނި އޮތީމަ، [ނުވަތަ] ނިޒާމީ ވާހަކަ ނުދެއްކީމަ، ނުވަތަ އޮނިގަނޑުގެ ބަދަލެއް ގެންނަން އެއްބަސްނުވީމަ، މި ސަރުކާރަށް މި އޮތީ [27 ޕަސެންޓު]. މިއީ ސިޔާސީ ވަރަށް ބޮޑު، ސިޔާސީ އެކަންޏެއް ނޫން އެނގޭތޯ؟ ވިޔަ އަކުރުގެ ބޮޑު ހަގީގަތެއް. ހިސާބުން ސާފުކޮށް ފެންނަން އޮތް ބޮޑު ހަގީގަތެއް." ނަޝީދު ވިދަޅުވިއެވެ.

މިރޭ ހަރުގޭގައި އޮތް ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ބައެއް މެންބަރުން / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ނަޝީދު މެންބަރުންނަށް މައުލޫމާތު ދެއްވަމުން ގެންދަވާއިރު، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސް އަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގައި ނަޝީދު ވަނީ ރައީސަށް ލިބިދޭ ބާރުތަކާއި ބޮޑުވަޒީރަށް ލިބިދޭ ބާރުތައް އާންމު ކުރައްވައި، ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތައް އާންމު ކުރައްވައިފައެވެ.

ނަމަވެސް، ނަޝީދު ފިޔަވައި، އެމްޑީޕީއާ އެކު ކޯލިޝަން ހައްދަވައިގެން ތިއްބެވި ޕާތީތަކުގެ ލީޑަރުންނާއި ބައެއް ވަޒީރުންގެ އިތުރުން، ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައި، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެކޮޅު ހައްދަވައިފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.