ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޮލޭންޑް ސޯޝަލް މީޑިއާ އިން ކުޑަ ބްރޭކެއް ނަގައިފިއެވެ.

ސޯޝަލް މީޑިއާއިން ބްރޭކެއް ނަގަމުން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ވީޑިއޯއެއް ގައި ބުނީ ޓްވިޓާ އާއި އިންސްޓަގްރާމުން އޭނާ އާ ގުޅޭގޮތުން ނޭދެވޭ ގިނަ ވާހަކަ ތަކެއް ފެނި އަޑު އިވެމުން އަންނަ ކަމަށެވެ. އެ ވާހަކަތައް އަޑުއިވުމުން މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ކަމަށެވެ. އޭގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ޓްވިޓާ އާއި އިންސްޓަގްރާމް އެކައުން ޑިލީޓް ކުރަން ނިންމާފައިވާ ކަމަށް ޓޮމް ބުނެފައިވެއެވެ.

ކުޅަދާނަ އެކްޓަރު ޓޮމް ހޮލޭންޑުގެ އިންސްޓަގްރާމް އެކައުންޓުގައި އެކަނި ވެސް 67 މިލިއަން ފޮލޯވަރުން ތިބެއެވެ. 26 އަހަރުގެ ޒުވާން އެކްޓަރު ޓޮމް ހޮލެންޑް އެންމެ ފަހުން ފެނިގެން ދިޔައީ "ސްޕައިޑަމޭން : ނޯ ވޭ ހޯމް" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ޓޮމްގެ އެކްޓިންނަށް ކްރިޓީކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ކުޅަދާނަ އެކްޓްރަސް ޒެންޑެޔާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޓޮމް އަކީ އުމުރުން ނުވަ އަހަރުން ފެށިގެން ވެސް އެކްޓުކުރަމުން އަންނަ ޒުވާނެކެވެ.

ޓޮމް ހޮލެންޑް މެންޓަލް ހެލްތުގެ ވާހަކަތައް ދައްކާފައިވަނިކޮށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ވެސް ވަނީ މެންޓަލް ހެލްތާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.