ޓެކްނިކަލް މައްސަލައަކާ ގުޅިގެން މެދުކަނޑާލި ޕާސްޕޯޓުގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ.
ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޕާސްޕޯޓްގެ ހިދުމަތް މެދުކެނޑުނީ ދިވެހިން ޕާސްޕޯޓް ހައްދާ މިންވަރު އިތުރުވުމުން އިމިގްރޭޝަންގެ ޕާސްޕޯޓްގެ ހިދުމަތް ދޭ ވަގުތު މިހާރުކޮށްފައި ވަނިކޮށެވެ.
މިރޭ އިމިގްރޭޝަނުން ބުނީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ޕާސްޕޯޓުގެ ހިދުމަތް މިހާރު ދޭން ފަށާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ.
ކޮވިޑާ ގުޅިގެން ދުނޔޭގެ އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު ދަތުރު ކުރުމުގެ ލުއިތައް އިތުރު ކުރުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ދިވެހިންގެ އަދަދު އަންދާޒާ ކުރި ވަރަށް ވުރެ ބޮޑަށް އިތުރުވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ގޮތުން ކުރިން ދިވެހި ޕާސްޕޯޓަށް އެދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 200 އެޕްލިކޭޝަން ހުށަހެޅި ނަމަވެސް އެ އަދަދު ވަނީ 800 އަށް އިތުރުވެފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެހެންކަމުން އިތުރުވެފައިވާ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށް ދިނުމަށް އިމިގްރޭޝަންގެ ޕާސްޕޯތް ހިދުމަތް ރޭގަނޑު 9:30 އާ ހަމައަށް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މާދަމާ އިން ފެށިގެން ޕާސްޯތް ހަވާލު ކުރާ ވަގުތު އިތުރުކޮށް މެންދުރު ފަހު 3 ޖަހަންދެން ޕާސްޕޯތް ހަވާލު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެން ދާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ބަދަލު ގެނެސްފައި ވަނީ ރައްޔިތުންނަށް ލުއިފސޭހަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ދިވެހިން މީގެ ކުރިން ޕާސްޕޯޓް އާ ކުރުން ނުވަތަ ހައްދަން ފޯމް ހުށަހެޅުމުން އެ ހިދުމަތް 24 ގަޑި އިރު ތެރޭ ފޮރުކޮށް ދެމުން އައި ނަމަވެސް މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕާސްޕޯޓް ހެއްދުމަށް 3 ނުވަތަ 5 ވަރަކަށް ދުވަސް ނަގާފައި އެބަހުއްޓެވެ.
އަދި އޮންލައިންކޮށް ޕާސްޕޯޓް ހައްދަން ފޯމް ހުށަހަޅަން ޖެހުމުން ވެސް ރައްޔިތުންނަށް ބައެއް ދަތިތައް ދިމާވާ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން ކުރެއެވެ. އެގޮތުން އެޕލްިކޭޝަން ފޯމް ހުށަހަޅާތާ 3 ދުވަސް ތެރޭ ނިމޭނެ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް ތިން ދުވަސްތެރޭ އެ ފޯމާއެކު ހުށަހަޅާ ޑޮކިއުމަންޓް އަލުން ހުށަހަޅަން އަނގާ ފަހަރުތައް އިތުރުވެސް ހަފްތާއަކާ ހަމައަށް ޕާސްޕޯޓު ނުނިމި ލަސްވާ ޝަކުވާ އާންމުންގެ ފަރާތުން ލިބެއެވެ.