ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު ޖަލަށް ލާން އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.
އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ކޯޓަކުން ހުކުމެއް ކޮށްފައިވާ ކަމަށް ބުނާ 'ސުންދަރަލިންގަމް ކޫޑަލިންގަމް'އަކީ ދިވެއްސެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފައިވާ 'ސުންދަރަލިންގަމް ކޫޑަލިންގަމް'އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު ނުފެތުރުމަށް އެންމާ ފަރާތްތަކަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޯށްފައިވާ ގޮތުގައި ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ މީހާއަށް އިއްވާފައި ވަނީ 4 އަހަރުގެ ޖަލު ހުކުމެކެވެ.