ތާއީދު ނެތް ކުދި ޕާޓީތަކާ ހުރެ ވެރިކަމުގެ ނިޒާމު ހަރާބުވެ ހިތްހަމަނުޖެހުންތައް އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރެއްވި ކޮންމެ ބޭފުޅަކު ވެސް ވެރިކަން ކުރެއްވީ ރައްޔިތުންގެ ތާއީދު ނެތް ކުދި ޕާޓީތަކެއް ސަރުކާރުގައި ހިމަނައިގެން ކަމަށެވެ.

އެފަދަ ޕާޓީތަކުން ސަރުކާރުގެ 60 ޕަސަންޓް މަގާމުތައް ހިއްސާކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ އަދި ވެރިކަމުގެ ނިޒާމު ހަރާބުވެ ހިތްހަމަނުޖެހުންތައް އުފެދޭ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވަނީ އެކަމުގެ ސަބަބުން ނިކުންނަ ހިތްހަމަނުޖެހުމާއި އެ މައްސަލަތައް ކޮންމެހެން ހައްލުކުރަންޖެހޭ ކަމަށެވެ.

ނަޝިދު މިއަދު ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރައްވާ، ބޮޑުވަޒީރު ސަރުކާރު ހިންގާ ގޮތަށް، އަދި ދައުލަތުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ރައީސް ހުންނަވާ ގޮތަށް، ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވާފައެވެ.

ނަޝީދު އެ އިސްލާހު ހުށަހަޅުއްވާ ގޮތަށް އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައެވެ.

އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުގައި، ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސްކަން ކަނޑައަޅައި، ލިބިވަޑައިގަންނަވާނެ ބާރުތައް ވަނީ ތަފްސީލް ކުރައްވައިފައެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ރައީސަށް ލިބިދޭ ބައެއް ބާރުތަކަކީ:

  • ރައީސަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ވުމާއެކު ހަނގުރާމަ ނުވަތަ ސުލްހަ އިއުލާނު ކުރުމާއި ކުއްލި ހާލަތު އިއުލާނު ކުރުމުގެ ބާރު
  • ބޭރު ގައުމުތަކަށް ސަފީރުން އައްޔަނު ކުރުމާއި މަޖިލީހުގެ މަޝްވަރާގެ މަތިން އަނބުރާ ގެންދިއުން، އަދި ފަތްކޮޅު ބަލައިގަތުމާއި އަނބުރާ ގެންދިއުމުގެ ލިޔުން ބަލައިގަތުމުގެ ބާރު
  • ގާނޫނުއަސާސީން މަތިކޮށްފައިވާ ކޮމިޝަންތަކަށް މެންބަރުން އައްޔަނު ކުރުމަށް ލިބިދޭ ބާރު
  • ގައުމީ މައްްސަލަތަކުގައި ފެންނަ ނުފެންނަ ވޯޓު ނެގުމާއި ބަންދު ދުވަސްތައް ކަނޑައެޅުމުގެ ބާރު

އެ އިސްލާހުގައިވާ ގޮތުން، ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ. އެ އަދަދަށް އެއްވެސް ޕާޓީއަކުން ގޮނޑި ކާމިޔާބު ނުކުރެވިއްޖެ ނަމަ، މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އެ އިސްލާހުގައި ފަހިކޮށްދީފައިވެއެވެ.

އެހެންކަމުން، ބޮޑުވަޒީރު ކަމަށް އައްޔަނުކުރާނީ އެ އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީންނެވެ.