ބަރުލަމާނީ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ތާއީދު ވަރަށް ބޭނުންވާ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ކަމަށް ފާސްވެއްޖެނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކޮންގްރެސްއިން އެ ހުށަހެޅުން ފާސްވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނަޝީދު ވަނީ ފައްޔާޒަކީ ކަންކަން ކުރައްވާ ހިންގުންތެރި ބޭފުޅެއް ކަމަށާއި، ފައްޔާޒާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިކަމުގައި ރައްޔިތުންގެ ތާއީދު ވެސް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު މިދަންނަވާހެން އަޅުގަނޑު ހުރިހާ ބޭފުޅުންނާވެސް ވާހަކަ ދައްކަމުން ގެންދަން ބޭނުން. އަދި ހާއްސަކޮށް ފައްޔާޒް އިސްމާއިލް. އަޅުގަނޑު ތަކުރާރު އެބަކުރަން، ފައްޔާޒްއަކީ ކަންތައްތައް ކުރައްވާ ބޭފުޅެއް، އަދި ހިންގުންތެރި ބޭފުޅެއް. އެހެންމަ އެބޭފުޅާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނެ
ރައީސް މުހައްމަދު ނަޝީދު

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ދާދި ފަހުން ނަޝީދު ވަނީ ފައްޔާޒް އިސްމާއިލް އާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ކުރެއްވުނު ގޯސް ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ފައްޔާޒާ އިދިކޮޅަށް ދެން ނާރުއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ފައްޔާޒަށް ތަފާތު އެކި ތުހުމަތުތައް ކުރައްވާފައެވެ.