ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް އެއް ދުވަހު ނަގާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އާރަށުގެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން އަދީބުގެ ކުރީގެ ޑްރައިވަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ ހެކިބަސް ނަފާފައިވާއިރު، މިއަދު ތާވަލުކޮށްފައި އޮތީ ޒިޔަތުގެ ހެކިބަސް ނަގާ ގޮތަށެވެ.

ނަމަވެސް، އާރަށުގެ މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ދިފާއީ ވަކީލް އެކަމަށް އިއުތިރާޒްކޮށް ވިދާޅުވި ގޮތުގައި، ޒިޔަތާއި އަދީބަކީ އެ މައްސަލައިގައި އެއް ކަމަކާ ގުޅިގެން ހެކިބަސް ދޭ ދެ ފަރާތް ކަމަށްވާއިރު، އެކަކުގެ ހެކިބަސް ކުރިން ނަގައިފި ނަމަ، އަނެކަކުގެ ހެކިބަސް އެގޮތަށް ބައްޓަންކުރުމުގެ ފުރުސަތު އެބައޮތެވެ.

އެހެންވެ، ހަމްޒާ އެދިވަޑައިގަތީ:

  • އަދީބަށް ނުފެންނާނެ ހެން އަދީބުގެ ހެކިބަސް ނެގޭނެ އިންތިޒާމް ކޮށްދެއްވުމަށް
  • އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން އެއް ދުވަހަކަށް ހަމަޖެއްސުން
  • އެކަކު ހެކިބަސް ދޭއިރު އަނެކަކު ކޯޓުގައި ބަންދުކޮށްފައި ބެހެއްޓުން
  • ހަމްޒާ ވިދާޅުވީ މިއީ ބޭރު ގައުމުތަކުން ވެސް ބަލައިގަންނަ ކަމެއް ކަމަށް

ހަމްޒާގެ އެދިވަޑައިގަތުމަށް ޔާމީންގެ ދިފާއީ ވަކީލުން ތާއީދު ކުރެއްވިއެވެ. އަދި ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެއެވެ. ނަމަވެސް، އެކަން ކުރިން ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށާއި، އަދީބު މިއަދު ކޯޓަށް ހާޒިރުނުކުރެވޭނެ ކަމަށާއި، އޭނާ ހާޒިރުކުރަން، ދައުލަތުގެ އެހެން މުއައްސަސާތަކަށް އަންގަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.

އެހެންކަމުން، މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވީ، އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި ޒިޔަތާއި އަދީބުގެ ހެކިބަސް ނަގާނެ ކަމަށް އިއުލާނުކުރައްވައި، މި މަހުގެ 30 ގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރައްވައިފައެވެ.