ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ "ޖޯކަ"ގެ ދެވަނަ ބައި ކުޅޭނީ 10 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ނެރުނު ފިލްމު ޖޯކަ އަށް ލިބުނު ބޮޑު މަގްބޫލުކަމަށްފަހު ފިލްމުގެ ދެވަނަ ބައި ޖޮކަ: ފޮލީ އަ ޑޫ" ރިލީޒްކުރާނީ 2024 ވަނަ އަހަރުގައެވެ. މި ފިލްމުގައި ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކުޅޭނީ ހާލީ ކުއީންގެ ރޯލެވެ. މި ފިލްމަކީ މިއުޒިކަލް ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބައި ފެނުނު އެކްޓަރު ހޮއެކިން ފީނިކްސް އަށް ވެސް މި ފަހަރުގެ ފިލްމުން 10 މިލިއަން ޑޮލަރު ލިބޭނެއެެވެ.
ޖޮކަ: ފޮލީ އަ ޑޫ" އުފައްދާނީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މި ފިލްމު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކުޅެން ގަބޫލުވެއްޖެނަމަ މި ފިލްމުވެގެންދާނީ އޭނާ ކުޅޭ ތިން ވަނަ ފިލްމަށެވެ. 2018 ވަނަ އަހަރު ނުކުތް ފިލްމު "އަ ސްޓާ އިޒް ބޯން" ކުޅެގެން ލޭޑީ ގާގާ ވަނީ އޮސްކާގެ ނޮމިނީޝަންގައި ވެސް ހިމެނިފައެވެ. އަދި ދެވަނަ ފިލްމުން އޭނާއަށް ވަނީ ކްރިޓީކްސް ޗޮއިސް އަދި ގޯލްޑަން ގްލޯބް އެވޯޑުގެ ނޮމިނީޝަންގައި ވެސް ހިމެނިފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް "ޖޮކަ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު މި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައެވެ. އަދި މި ފިލްމު ކުޅުނު ލީޑު އެކްޓަރު ހޮއެކިން ފީނިކްސް އަށް ވަނީ އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ލިބިފައެވެ.
އެއާއެކު ފިލްމުގެ ދެވަނަ ބަޔަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. ފަހަރުގައި މި ފިލްމުވެގެންދާނީ ލޭޑީ ގާގާގެ ފިލްމީ ކެރިއަރުގައި އޭނާ އެވޯޑެއް އުފުލާލާ ފުރަތަމަ ފިލްމަށެވެ.