އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފު ޝަކޫރަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އާތިފްގެ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އެދިވަޑައިގަތީ ދައުލަތުގެ ހެކިތައް ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ފާހަގަ ކުރެއްވީ އެއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ހުށަހެޅޭނެ ކަމެއް ކަމަށާއި މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިނގާ އިބުތިދާއީ މަރުހަލާގައި ހުށަހެޅޭނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ރިއާޔަތް ކުރާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާ ކަމަށެވެ.

އާތިފުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި، ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ. އާތިފް ވިދާޅުވީ މަގާމާ ހަވާލުވެ އޭނާއާ ހަވާލުކުރި މަސްއޫލިއްޔަތުތައް އިނގޭ ވަޒީފާ ބަޔާނުގައިވާ ގޮތުން ކަންކަން ރިޕޯޓް ކުރަން ޖެހެނީ އެމްއެމްއޭގެ ގަވަރުނަރަށް ކަމަށާއި އެކަން އޭނާ ކުރިން ކަމަށެވެ.

ނޮވެމްބަރު 25، 2014 ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާއެވެ. އެ މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް އެފްއައިޔޫއަށް ފޮނުވުމުން އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައެއް ނުވެއެވެ.