ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ނިންމަވައިފިއެވެ.

އެމްޑީޕީން ބުނީ ރައީސް ނަޝީދު މާދަމާ ހެނދުނު 11 ޖަހާއިރު ޕާޓީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފާވާއިރު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މރ. ރޮޖާ މަންސިއެންގެ ދައުވަތަކަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެގައުމަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފައެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ހީނަރުވެފައިވާއިރު ނިޒާމުގެ ކޯޅުމާ ހިސާބުން ދެ ފެކްޝަނެއްގެ ގޮތުގައި ބަހުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. އަދި އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރި ހިސާބުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.

ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.