ބީއެމްއެލް ވަގުތީ ގޮތުން ހިންގަން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަކަށް ހުންނެވި އައިޝަތު ނޫރައްދީނާ ހަވާލުކޮށްފިއެވެ.

ބީއެމްއެލަށް އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި އެއް ބޭފުޅާ ކަމަށްވާ އައިޝަތު ނޫރައްދީނާ ބޭންކު ހިންގުން ހަވާލުކުރީ، ސީއީއޯގެ ގޮތުގައި ހުންނެވި ޓިމް ސޯޔާގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ މިދިޔަ ޖޫން މަހު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

2019 އިން ފެށިގެން ބީއެމްއެލްގެ ސީއީއޯއަކަށް ހުންނެވި ޓިމް ވަކިވެވަޑައިގަތުމާ ގުޅިގެން، ބޭންކުގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ހަމަޖައްސާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ބީއެމްއެލް ހިންގެވި އައިޝަތު ވަނީ ޓިމްގެ ކުރިން ހުންނެވި ސީއީއޯ އިސްތިއުފާ ދެއްވުމުން ވެސް ވަގުތީ ގޮތުން ބޭންކް ހިންގަވައިފައެވެ.

1982 ވަނަ އަހަރު ބީއެމްއެލާ ގުޅިވަޑައިގަތް އައިޝަތު ނޫރައްދީން ވަނީ 40 އަހަރު ބޭންކަށް ހިދުމަތް ކުރައްވައި، ބީއެމްއެލްގެ ބޯޑުގައި ޑިރެކްޓަރެއްގެ މަގާމް ހަ އަހަރު ވަންދެން ފުރުއްވައިފައެވެ.

ބީއެމްއެލަށް ދާއިމީ ސީއީއޯއެއް އައްޔަނުކުރާނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށާއި، ނަމަވެސް އެ ޕްރޮސެސް ކުރިއަށް އެބަ ދާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ޓިމް މަގާމުން ވަކިވެވަޑައިގަތުމުން، ބީއެމްއެލުން ގެންދަނީ އާ ސީއީއޯ އެއް ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބޭންކަށް ސީއީއޯ އެއް ހޯދަން މިދިޔަ ޖޫން މަހު އިއުލާންކޮށްފައިވެއެވެ. ތިން އަހަރު ދުވަހުގެ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ކިބައިގައި 15 އަހަރުގެ ބޭންކިން ތަޖުރިބާ ހުންނަން ޖެހެއެވެ.