އިޒްރޭލުގެ ޔަހޫދީން އަޅުކަން ކުރަން ދާ ވެސްޓްވޯލް ނުވަތަ ބުރާގު ފާރު ކައިރިއަށް ދަތުރު ކުރަން ތައްޔާރުވެގެން އޮތް ބަހަކަށް ބަޑިޖެހުމުގެ އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ޒަހަމް ވެއްޖެއެވެ.

މިހާދިސާގައި ބަޑިޖެހި މީހާ ފިލާފައި ވާއިރު، ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ކައިރި ސަރަހައްދެއްގައި ހުރި ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނާ އިރު، އިޒްރޭލުން ތުހުމަތު ކުރަނީ ހަމަލާ ދިނީ، އިޒްރޭލުން ހިފާފައިވާ ސިލްވާން އަވަށުގެ މީހެއް ކަމަށެވެ.

އެއާއެކު އިޒްރޭލުގެ ފުލުހުން ވަނީ ހަރިޔާރާ އެކު އެވަށަށް ވަދެ ގެއަކަށްފަހު ގެއެއް ބަލާ ފާސް ކުރަން ފަށާފައެވެ. އަދި މިހާތަނަށް 4 މީހަކު ހައްޔަރުވެސް ކޮށްފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

ޔަހޫދީން ތިބި ބަހަކަށް ހަމަލާއެއް މި އަމާޒުވީ އިޒްރޭލުން ހިފާފައިވާ ގައްޒާގައި ޔަހޫދީންނާއި އިސްލާމިކް ޖިޙާދު ޖަމާއަތާ ދެމެދު ހަފްތާއެއް ވަންދެން ހިންގި ހަމަލާތަކަށް ފަހުގައެވެ. އެ ހަމަލާތަކުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 49 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 17 ކުޑަކުދިން ހިމެނެއެވެ. އިސްލާމިކް ޖިހާދުން ރޮކެޓް ހަމަލާ ދިނުމުގެ ބަދަލެއްގެ ގޮތުން، ގައްޒާއަށް ބޮން އަޅާ ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ.

މިހަމަލާތަކަށް ފަހު، އިޒްރޭލާއި ހަމާސް ޖަމާއަތުން ސުލްހަވެ، ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތް ނަމަވެސް، އިޒްރޭލުން ގެންދިޔައީ، ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި ޖަރޫސަލަމާއި އެނޫންވެސް ސަރަހައްދުތަކުގައި އަތްފުނާ އަޅާ، ގޭގެ އަށް ވަދެ ބަލާ ފާސްކުރަމުންނެވެ.