އަންނަ އޮކްޓޫބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ، ޕީކް ސީސަން އަންނަވާއިރަށް އަާ ރަންވޭވެސް ހުޅުވިގެންދާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ޓެސްޓިން ފޭސްތައް ކަމަށެވެ.

އަދި ފްލައިޓު ކޮލަބްރޭޝަން ޓެސްޓިން ފޭސަސް ވަރަށް އަވަހަށް ފެއްޓިގެންދާނެ، ކަމަށާއި އޮކްޓޯބަރު ހިސާބަށް އާ ރަންވޭ ހުޅުވޭނެ ކަމަށް އަރީފް ވިދާޅުވިއެވެ.

އާ ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް އެއާޕޯޓުގައި ޖައްސާ ޓެކްސީވޭ ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ، އާ ރަންވޭ އޭގެ ފުލް އޮޕަރޭޝަނަށް އައުމުން 15 މިނެޓުގެ ރާސްތާ 3 މިނަޓަށް ކުޑަކޮށްލެވޭނެ ކަމަށެވެ.

އާ ރަންވޭގެ މަސައްކަތް ނިންމައިލީ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް 2018 ގައެވެ. 3400 މީޓަރު ދިގު ރަންވޭގެ އަގު 373 މިލިއަން ޑޮލަރަށް އަރާ އިރު، އާ ރަންވޭ ހުޅުވުން ލަސްވެފައި ވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ޑިލޭ އާއި ސީ ޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ތެރޭގައި އޭރު ޖެހުނު މައްސަލަތަކާ ހެދި ކަމަށް އެމްއޭސީއެލުން މީގެ ކުރިން ވަނީ ބުނެފައެވެ.

އާރަންވޭ މައްސަލަ ހޫނުވެ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވުމުން އެމްއޭސީއެލުން މިދިޔަ ޖެނައަރީ މަހުގެ ފަހުކޮޅު ބުނީ އާ ރަންވޭ ބޭނުންކުރަން ފަށާނެ ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހު އެއްވަން ދުވަހު އާ ރަންވޭ ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުން ކުރަން ވަނީ ފަށާފައެވެ.