އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާ ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަގައެވެ.

ނައިބުގެ ވާހަކަގައި ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމް ކުރުމާއި ހަމައިން ނިންމާ ނުލައި މީހުން ބިނާކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ރައީސުސްގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭންފެށިފައިވާ ކަމަށާއި އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާކަމަށް ވެސް ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، ހދ ކުޅުދުއްފުށީގައި ވަރަށް އަވަހަށް މިފަދަ ހިދުމަތްތައް ފެށުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ވަނީ، "ފަންނުވެށި"ގައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ހާއްސައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި"އަކީ، ދިވެހިރާއްޖޭގެ ތައުލީމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ އިރު، އޭގެ ތެރޭގައި ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެއް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެ ކަމަށެވެ.