އެސްޓީއޯގެ ޑިޖިޓަލް ބޭންކު "އިވޯލްވް" އަށް ބޭންކިން ލައިންސަންސް ހޯދުމަށް އަލުން ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އިވޯލްވްގެ ބޭންކިން ހުއްދައަށް އެދި ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން ލައިސަންސް ލިބުމުން ހަ މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއިން ވަނީ އިވޯލްވް ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ހުއްދައަށް އެދި ސެޕްޓެމްބަރު 7، 2021 ގައި ވެސް އެމްއެމްއޭއަށް ހުށަހަޅާފައެވެ. ނަމަވެސް އެއެ ލައިސަންސް ނުދޭން އެމްއެމްއޭއިން ނިންމާ އެކަން އެސްޓީއޯއަށް އެންގީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

މީގެ ކުރިން އަމްރު ވަނީ ޑިޖިޓަލް ބޭންކިންގެ ހިދުމަތަށް އެހެން ގައުމުތަކުންވެސް ވަންނަމުން ދާއިރު، އެސްޓީއޯއިން ވެސް ރާއްޖެއަށް ޑިޖިޓަލް ބޭންކިންގެ ހިދުމަތް ތައާރަފް ކޮށްދިނުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޑިޖިޓަލް ބޭންކެއްގައި ހިދުމަތްތައް އަވަސް ކަމާއެކު ފޯރުކޮށްދެވޭނެ ކަމަށާއި އެގޮތުން އެކައުންޓު ހުޅުވުމާއި އެހެނިހެން މުއާމަލާތްތައްވެސް ތަނަކަށް ނުގޮސް އޮންލައިންކޮށް ހިންގޭނެ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުންކުރާއިރު ކާޑު ގެއްލުނު ކަމުގައި ވިޔަސް އަމިއްލައަށް މެނޭޖް ކުރެވޭނެ ކަމަށާއި އަމިއްލައަށް އަލުން އެ ކާޑު އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ޑިޖިޓަލް ބޭންކިންގް މެދުވެރިކޮށް ލޯނަށް އެޕްލައިކޮށް އެކައުންޓަށް އެ ފައިސާ 60 ސިކުންތު ތެރޭގައި ޖަމާ ވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.