ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަންދުކުރި ތިން މީހުން ދޫކޮށްލާފައި ވަނީ އެ މީހުން ބަންދުގައި ބައިތިއްބަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށް، ފުލުހުން ބުނެފިއެވެ.

އަލަމްގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށް ބަންދުކުރި ތިން މީހުންނަކީ:

  • ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު
  • ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)
  • ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު

އެ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެއަށް ފަހު އިއްޔެ އާ ހަމައަށް ބަންދުގައި ބޭތިއްބުމަށް ފަހު، ބަންދުގެ މުއްދަތު ހަމަވުމުން އެ މީހުން ދޫކޮށްލި ނަމަވެސް، ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހުން ދޫކޮށްލާފައިވަނީ އެ މީހުންނަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު، އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޕީޖީ އޮފީހަށް ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި، އެ ތިން މީހުން ދޫކޮށްލާފައި ވަނީ ގާނޫނު އޮތް ގޮތުން ބަންދުގައި ބެއިތިއްބޭ ޒާތުގެ ކުށެއް ކޮށްފައިނުވާތީއެވެ.

"ޕާސްޕޯޓް ހިފެހެއްޓިފަވާކަން ކަށަވަރުކުރުމަށް ފަހު އިތުރަށް ބަންދުގެ މުއްދަތު އިތުރުކުރަން ހުށަނޭޅީ." ޝަފީއު ވިދާޅުވިއެވެ.

އަލަމްގިރި އާ އެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުންނަކީ ސަރުކާރުގައި މަސައްކަތްކުރާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ވަޒީފާތަކުން ސަސްޕެންޑުކޮށް ވަކިކޮށްފައި ވެސް ވެއެވެ.

ނާޒިމާއި، ކާނަލް ނަޝީދު، އަދި އަބްދުއްރަހްމާން ރަފީއުގެ އިތުރުން، އެެއްޖިންސުން ގުޅުން ހިންގި އެހެން މައްސަލައަކާ ގުޅިގެން ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެއެވެ. ނަމަވެސް އޭނާ އާ އެކު ގުޅުން ހިންގާތަން ފެންނަ ވީޑިއޯގައި ހިމެނޭ ދެވަނަ މީހާ ހައްޔަރެއް ނުކުރެއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ހައްގު އަދަބު ދިނުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ.