އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ލުއިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެއްގައި ނުނަގާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެފަދަ ފާހިޝް ކަންކަމުގައި އެއީ ކޮން ފިކުރެއްގެ މީހެއްތޯ ނުބައްލަވާނެ ކަމަށާއި ދީނީ ކަންކަން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވެ ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ވަނީ އިސްލާމް ދީނުގެ ކަންކަން ހިމާޔަތްކޮށް ދީނުގެ ހުކުމްތަކަށް ގޮންޖަހައި ފުރައްސާރަ ކުރާ ފަރާތްތަކާއިމެދުވެސް އުސޫލުގެ ތެރެއިން ފިޔަވަޅު އެޅިގެންދާނެ ކަމަށާއި އެގޮތުން މިސްކިއްތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކުގެ ކަންކަން ލުއިގޮތަކަށް ނުނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމަށް ވެރިކަމެއް ލިބިއްޖެނަމަ މިފަދަ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ހަރުކަށިކޮށް އަވަސްކަމާއެކު ނިންމާނެ ކަންކަން ކަމަށާއި އިސްލާމީ ޝަރީއަތުގައި ބޮޑެތި އަދަބުތައް ދޭ މިފަދަ މުންކަރާތްތައް ސީރިއަސްކޮށް ބަލާނެ ކަމަށެވެ.