މަރަށް މަރު ހިފަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަކުރާރު ކުރައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރަށް މަރު ހިފުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދިޔަ ކަމަށާއި އެކަމުގައި އިޖުރާއީ ގޮތުން ގިނަ ކަންކަން ކުރަން ޖެހުނު ކަމަށެވެ. އަދި ރާއްޖޭގައި 60 އަހަރު ތެރޭގައި ނުކޮށް އޮތް ކަމެއް ކުރާއިރު، ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެ މަސައްކަތް ނިމުމަކާ ހަމައަށް އައިރުވެސް ތަހުގީގުގެ ފޭރާމާއި މީހުން ފްރޭމް ކުރުމާއި ކޯޓު މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތަކާއި ފަނޑިޔާރުންގެ ވިސްނުމަށް ރިއާޔަތް ކުރުމުގެ ގިނަ ކަންކަމަށް ދިރާސާތަކެއް ކުރަން ޖެހުނު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މަރަށް މަރު ހިފަން ފެށުމުން ރާއްޖޭގައި މިހިނގާ ބޮޑެތި މާރާމާރީތަކަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި މަރަށް މަރު ހިފުމަށްޓަކައި ޗެމްބަރެއްވެސް ދޫނިދޫގައި ތައްޔާރުކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އޭރު ކުރެއްވި ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މަރަށް މަރު ހިފުމަކީ ހަމަ ކުއްލިއަކަށް ރައީސަކަށް ނިންމޭވަރުގެ ކަމަކަށް ވުރެ މުޅި ނިޒާމު ހަރުދަނާކޮށްގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި މަރަށް މަރު ހިފުމާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ބަދަލު ނުވާ ކަމަށެވެ.