ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ، ނުފެންނަ ވޯޓެއް އެހުމަށް ގޮވާލައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ކޮންގްރެސް އަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރު ހިއްސާކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވަނީ އެމްޑީޕީގެ ނައިބު ރައީސް އަދި ބައިބައިވެފައިވާ އެމްޑީޕީގައި ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު ޝިފާޒުގެ ތާއީދާއެކު ކަމަށެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް ސާފު، ސާދާ މުތުލަގު ބާރުތަކާ އެކުގައި ސަރުކާރު ހިންގުމަށް އެއް ޕާޓީ އަށް އާދެވުމަކީ ނާދިރު ކަމަކަށްވެފައިވާ ކަމަށެވެ.

އެ ގަރާރުގެ ދަށުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ އެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ތާއީދު އޮންނަ ބޮޑުވަޒީރެއް ކަމުގައި ހަމަޖެއްސުމާއެކު ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސް ކަމަށް ކަނޑައެޅުން ހިމެނެއެވެ.

ރައީސް އިންތިހާބުކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކު އެ މަގާމަށް އިންތިހާބުކޮށްގެން ކަމަށާއި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސަށް ލިބިދޭ ބާރުތަކާއި ބޮޑުވަޒީރު ސަރުކާރު ހިންގަވާއިރު ރައީސަށް ލިބިވަޑައިގަންނަވާ ބާރުތައް ޤާނޫނު އަސާސީގައި ކަނޑައެެޅުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.

އޭގެ އިތުރަށް މަޖިލީހުގެ ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބިނާކޮށް "ނޭޝަނަލް ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށްވެސް އެ ގާރާރުގައި ބަޔާންކޮށްފައިވާއިރު މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށްވުރެ އިތުރުނުވާނެ ގޮތަކަށް މެންބަރުންގެ އަދަދު ހިފަހައްޓަން ވެސް ނަޝީދު ހުށަހެޅުއްވިއެވެ.

އޭގެ އިތުރަށް ސަރުކާރު ހިންގާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެނެސް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ސިފަތައް ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކުރަން އެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީ ކޮންގްރެސް ފަށާނީ މި މަހުގެ 19 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައެވެ. އެ ކޮންގްރެސްގައި އެ ޕާޓީގެ 1440 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބޭއްވުމުގެ ވާހަކަތައް ދެކެވޭއިރު އެމްޑީޕީ ވަނީ ދެ ބައިވެފައެވެ. ނިޒާމުގެ ކޯޅުމާ ހިސާބުން ދެ ފެކްޝަނެއްގެ ގޮތުގައި ބަހުގެ ހަމަލާތައް އަމާޒުކުރަމުން އަންނައިރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރި ހިސާބުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.