މޫދަށް ކުނިއަޅާތީ ތުލުސްދޫ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނިމެނޭޖު ކުރުމާބެހޭ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އެހެންކަމުން ތުލުސްދޫގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލަން އީޕީއޭއިން ވަނީ އަންގާފައެވެ.

އެރަށު ކައުންސިލް އިދާރާގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުގައި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކޮށް ހިއްސާކުރުމަށް ވެސް އީޕީއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45,000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް ވެސް އީޕީއޭއިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.

އީޕީއޭއިން ވަނީ މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އަންގާފައެވެ.