މިދިޔަ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާ، އެ ތުހުމަތުތަކަށް ރައްދުދީފިއެވެ.

މިދިޔަ ހޯމަ ދުވަހު ފެންމަތިވި އެ މައްސަލައިގައި، ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ ބުނިީ، އޭނާ ދިޔައީ ލޯބިވެރިޔާ އާ އެކު އަށް މީހުންގެ އެއްވުމަކަށް ކަމަށެވެ. ނަމަވެސް އޭނާ އެނބުރި ދާން ޖެހުނު ވަގުތު އޭނާގެ ލޯބިވެރިޔާ އެހެން މީހަކު ތަނަކަށް ލާން ދިޔަ ވަގުތު ބަލައި، ރޭޕްކޮށްލާފައިވާ ކަމަށް އެ އަންހެން މީހާ ކުރި ޓްވީޓްގައި ބުންޏެވެ. ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯ ވެސް ވަނީ އެ ޓްވީޓްގައި އާންމުކޮށްފައެވެ.

"އެ މީހާ (ފޮޓޯގައި އިން މީހާ) އަހަރެންގެ ފައިގައި ހިފައި، ގަދަކަމުން ގެންގޮސް، ސޯފާ މައްޗަށް ވައްޓާލައި، އަހަރެންގެ ހެދުން ބޭލުވީ، އެވަގުތު އަހަރެން ދިޔައީ ހަޅޭއްލަވަމުން. އެއަށް ފަހު އޭނާ އަހަރެން ރޭޕްކުރީ." އެ އަންހެން މީހާ ބުންޏެވެ.

އެ ހާދިސާ އަށް ފަހު އޭނާ ހުރީ ޝޮކެއްގައި ކަމަށާއި، ޖެހިގެން އައި ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ އަންހެން މީހާގެ ތުހުމަތުތަކަށް ދިން ރައްދުގައި މައްސަލައިގައި ތުހުމަތުވާ މީހާ ބުނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށާއި، އޭނާ އަށް ރޭޕްގެ ތުހުމަތު ކުރެވޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"އަހަރެން ދަންނަ މީހުންނަށް އެނގޭނެ، އަހަރެންނަކީ ރޭޕާ ދެކޮޅު މީހެއްކަން. އަހަރެންގެ އެކަހަލަ ފަސްބައެއް ނޯންނާނެ އެކަން އަހަރެންނާ އެއްކޮށް އުޅޭ މީހުންނާ ވެސް އެނގޭނެ." ތުހުމަތު ކުރެވޭ މީހާ ބުންޏެވެ.

ހަމަ އެއާއެކު، މިހާތަނަށް އެއްވެސް އަންހެނަކާ ބެހި، އަނިޔާކޮށްފައި ނުވާނެ ކަމަށާއި، އަންހެނެއްގެ ހުއްދަ ނެތި އިނގިލި ކުރި ޖައްސާލާފައި ވެސް ނުވާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އެއާއެކު، އެ މައްސަލައިގައި އިންސާފުވެރި ތަހްގީގެއް ހިންގުމަށް އޭނާ ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަންހެނަކު ރޭޕްކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.