ޖަލުން މިނިވަންވެވަޑައިގަތް ފަހުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި އޮތީ މާދަމާރޭ 8:30 ގައެވެ. އެމަނިކުފާނު ނޫސްވެރިންނާ މާދަމާރޭ ބައްދަލުކުރައްވަނީ، އިދިކޮޅު ކޯލިިޝަންގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އެރުވުމަށްޓަކައި ބާއްވާ ހާއްސަ ޖަލްސާ އެއް އަންނަ ހަފްތާގެ ހުކުރު ދުވަހުގައި ބާއްވާނެ ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ޔާމީން ދެ އަހަރެއްހާ ދުވަސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވުމަށް ފަހު މިނިވަންވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މިނިވަންވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ވަނީ އިދިކޮޅު ކޯލިޝަން، އަދި ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަކުރައްވައި ފުޅާ ކުރައްވައިފައެވެ. އެގޮތުން އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަންނަވަން ފައްޓަވައި، ބައެއް މީޑިއާ އަށް އިންޓަވިއު ދެއްވާފައިވެއެވެ.

މިހާރު ވެސް ޔާމީންގެ ޝަރީއަތެއް ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ޔާމީނަށް ޖަލު ހުކުމެއް އައިސް، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވާނެއެވެ.

މާދަމާރޭ ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ އިރު، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި ނޫސްވެރިންނަކާ މާ ގިނައިން ބައްދަލު ކުރައްވައިފައެއް ނެތެވެ.