މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ ނެގުނީ އެންމެ 25 ރުފިޔާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:30 ހާއިރު މީރާ ފަޅާލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށާއި މީރާއަށް ވައްކަން ކުރަން ވަދެފައި ވަނީ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މީރާ ފަޅާލައިގެން ނެގީ އެންމެ 25 ރުފިޔާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީވެސް ހިންގަމުންދާ މީރާގެ އިމާރާތަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާތަނަކަށްވާއިރު އެތަން ފަޅާލައި ވައްކަން ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތަކުން ވައްކަން ކޮށްފައިވެއެވެ. އެގޮތުން ތަފާތު އެތައް ފަހަރެއްގެ މަތިން މިފްކޯ ގެ އޮފީސް ފަޅާލާފައިވާއިރު އާރުޑީސީންވެސް އެތައް ފަހަރަކު ވަނީ ވައްކަން ކޮށްފައިވެއެވެ.