އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ބާ ކައުންސިލުން ބަލަން ފަށައިފިއެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާ އެއްކޮށް އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު ހައްޔަރުކޮށްފައި ވާއިރު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން މިދިޔަ ހޮނިހިރު ދުވަހު ބާ ކައުންސިލަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯރިގެވެ.

ވަކީލު ކަމުގެ ހުއްދަ ބާތިލުކުރުމުގެ ބާރު ބާ ކައުންސިލަށް ލިބިފައި ވާއިރު ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ނާޒިމް ހައްޔަރު ކޮށްފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އއ. އަތޮޅު ވެލިގަނޑު ރިސޯޓުންނެވެ. އޭރު އޭނާގެ ޕާސްޕޯޓު ވެސް ފުލުހުން ހިފަހައްޓާފައި ވާއިރު މިހާރު އެ މައްސަލައިގާ ދައުވާ ކުރުމަށް ވަނީ ޕީޖީ އަށް ވެސް ފޮނުވާ ފައެވެ.