މާލޭން އައްޑުއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ރޭ މެންދަމުގެ ވަގުތެއްގައި ފަރަކަށް އަރައިފިއެވެ.

އައްޑުއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރާފައި ވަނީ ލ. މާމެންދޫގެ އުތުރުން، ރޭ މެންދަމު 3:30 ވާން ކައިރިވެފައި ވަނިކޮށް ކަމަށް، އެމްއެންޑީއެފުން ބުންޏެވެ.

ފަރަށް އަރާފައި ވަނީ 16 މީހުންނާ އެކު އައްޑުއަށް ދަތުރުކުރަމުން ދިޔަ "ނިއުލައިން" ނަމަކަށް ކިޔާ ބޯޓެކެވެ. އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަން އިން އެ ބޯޓުގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން މިއަދު 8:15 ހާއިރު "ނިއުލައިން" ބޯޓުގައި ހުރި މުދާތައް މާމެންދުއަށް ބާލަން ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ބޯޓުގައި ހުރި މުދާތައް ބޭލުމަށް ފަހުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުލިބެއެވެ.