ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ގުޅިގެން މިއަދު ބާއްވާ އަޑުއެހުމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޔާމީންގެ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދިނުމަށް ނާޒިމް ހާޒިރުކުރާއިރު، އޭނާ އާއި ޔާމީނަކީ އެއް އިރެއްގައި ގާތް އެކުވެރިންނެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި ހިޔާލު ތަފާތުވެ، ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ގޯސްވެ، ވަނީ ހަތުރުންނަށްވެ ވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި އަޑުއެހުންތަކުގެ ތާވަލުގައިވާ ގޮތުން، އެ މައްސަލައިގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު 9:30 ގައެވެ. އެހެންކަމުން މިހާރު އެ އަޑުއެހުން ފަށައިގެން ކުރިއަށް އެބަ ދެއެވެ.
އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުން ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑްރައިވަރު، އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ މުހައްމަދު ހުސައިން (އޮއިއްޓޭ) އެވެ
އެ ދުވަހު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން އޮއިއްޓޭ ބުނި ގޮތުގައި، ޔާމީނާ އެންމެ ފުރަތަމަ ދިމާވީ 2013 ވަނަ އަހަރު، އަދީބު ބުނެގެން އެއް މިލިއަން ރުފިޔާ ހުރި ކަރުދާސް ކޮތަޅެއް ހަވާލުކުރުމަށް ދިޔަ ދުވަހެއްގައެވެ. އެ ދުވަހު ގ. ދޫވެއްސަށް ގެންދިޔަ އެ ކޮތަޅުގައި 500 ރުފިޔާގެ 10 ބޮނޑި (ބޮނޑިއެއްގައި ބައިލައްކަ ރުފިޔާ) އޮތް ކަމަށާއި، އަދީބު އެ ފައިސާ ހޯދި ގޮތެއް، އަދި ޔާމީނާ ހަވާލުކުރި ސީދާ ސަބަބެއް ނޭނގޭ ކަމަށް އޮއިއްޓޭ ބުންޏެވެ.
ޔާމީންގެ އިތުރުން، އެ މައްސަލައިގައި ދައުލަތުން ދެން ދައުވާކުރަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.