ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ކުޅަދާނަ ކަމަށް ތައުރީފް ކުރައްވާ ސްޓެލްކޯގެ މެނޭޖިންގް ޑިއިރެކްޓަރު އަހުމަދު ޝަރީފު ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

ސައީދުއަށް ޝުކުރު އަދާކުރައްވާ ވާހަކަދައްކަވާފައި ވަނީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނާ ސްޓެލްކޯގެ މުއައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތް ކުރަން ފެށި ފްލެޓްތައް ނިންމައި، އެ ފްލެޓްތަކުގެ ތަޅުދަނޑި ފްލެޓް ލިބުނު މުވައްޒަފުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މާލެ އާއި އަތޮޅު ތެރެއަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ދެ ކުންފުންޏަކީ ސްޓެލްކޯއާއި ފެނަކަ ކަމަށް ވާއިރު އެކަމަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ އެ ދެ ކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންގެ "ނޫރު" ކަމަށެވެ.

"އަޅުގަނޑާއި ސައީދުއާ ދެމީހުންނަކީ ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބައިތިއްބާ ދެމީހުން ސްޓެލްކޯ އާއި ފެނަކަ މީ ރާއްޖޭގެ ރައްޔިތުންގެ ނޫރު"
އަހްމަދު ޝަރީފް

ޝަރީފް ވަނީ އޭނާ އަކީ ފެނަކައިގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާއިރު ފެނަކައިގައި ހުރި ގޮންޖެހުންތަކާ ދިމާވާ މައްސަލަތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ސައީދަކީ ކުޅަދާނަ ބޭފުޅެއް ކަމަށް ވިދާަލުވެފައެވެ. އަދި އެ ހުރިހާ ގޮންޖެހުންތަކަކާއެކު ވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގަ ހުރި ދަތިތައް އިހުސާސް ވިޔަ ނުދީ 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް އަދި އެހެނިހެން ޔުޓިލިޓީ ހިދުމަތް ދޭ ކަމީ ސައީދުގެ ހަމަ ކުޅަދާނަކަން ކަމުގައި ޝަރީފް ފާހަގަ ކުރެއްވިއެވެ.

155 ރަށުގައި ފެނަކައިން ހިދުމަތް ދެމުން އަންނައިރު ސްޓެލްކޯ ފްލެޓްތަކުގެ ތަޅުދަނޑި ފްލެޓް ލިބުނު މުވައްޒަފުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކައިގެ އެމްޑީ ސައީދެވެ.