ތުހުމަތުކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތުކުރާ ނަމަ، އަބަދުވެސް ހިލާފު އުފެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން ގެންނަން ބޭނުންވި އެންމެ ބޮޑު ބަދަލަކީ އިއުތިރާފު ބަޔާން ނަގަން ނުޖެހޭ ގޮތަށް ކަން ނިމިގެން ދިޔުން ކަމަށެވެ. އަދި ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައާ ގުޅިގެންނެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި ވާއިރު މި މައްސަލައިގައި ހައްޔަރު ކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައެވެ. މީގެ ކުރިން ޝާހިލް އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ކުރިން މަރުހޫމް ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ބައެއް ނޫސްތަކުގައި މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ރަނގަޅު ނޫން ކަމަށާއި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ނޫން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޝިއާއުއަށް ދީފައިވާ އަނިޔާތަކާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ހިއްސާ ނުކުރުމަށް ޝިއާއުގެ އާއިލާއިން ވަނީ އެދިފައި ކަަމަށާއި އެހެންކަމުން އެ މައުލޫމާތު މިއަދުގެ ޕްރެސްގައި ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ހައްޔަރު ކުރި ޝާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.