ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ރަނގަޅު ތަހުގީގެއް ކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި ޒުވާން އަންހެން ކުއްޖަކު ނުހަނު އަނިޔާވެރިކޮށް މަރާލާފައި ވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމަށެވެ.

މި އަނިޔާވެރި އަމަލު ކުށްވެރިކުރައްވަމުން ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއް ކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި ވާއިރު މި މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައެވެ. މީގެ ކުރިން ޝާހިލް އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ކުރިން މަރުހޫމް ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ބައެއް ނޫސްތަކުގައި މި މައްސަލައާ ގުޅިގެން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ރަނގަޅު ނޫން ކަމަށާއި ޝިއާއު އާއި ޝާހިލް އަކީ ދެމަފިރިން ނޫން ކަމަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ އިރު ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި ޝިއާއުއަށް ދީފައިވާ އަނިޔާތަކާއި އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ހިއްސާ ނުކުރުމަށް ޝިއާއުގެ އާއިލާއިން ވަނީ އެދިފައި ކަަމަށާއި އެހެންކަމުން އެ މައުލޫމާތު މިއަދުގެ ޕްރެސްގައި ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ހައްޔަރު ކުރި ޝާހިލް ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.