ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 22 އަހަރުގެ އަލީ ޝާހިލް ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ފުލުހުންގެ އޮފިސަރު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމުރު ކޮށްފައި ކަމަށާއި އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ހެދި ޓެސްޓުން އޭނާ ޕޮޒިޓިވްވެފައި ވަނީ ކޮން އެއްޗަކަށް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައި ވާ އިރު، އޭނާ މިހާތަނަށް އަދި ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން ޝާހިލް އަކީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ކުރިން ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާރު ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން މި ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ރޭ ކްރައިމް ސީނުން ޝާހިލް ހައްޔަރު ކޮށްގެން ގެންދިޔަ އިރު އޭނާ ހުރީ ހަޒްމެޓް ސޫޓް ލައްވާފައެވެ.

މިއަދު ބޭއްވި ޕްރެސްގައި ޝިއާއު އަށް ދީފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެ މައުލޫމާތު ހިއްސާ ނުކުރީ އޭނާގެ އާއިލާއިން އެދިފައި ވާތީ ކަމަށާއި އަދި މިއީ ތަހުގީގުގެ ކުރީކޮޅު ކަމުން ބައެއް މައުލޫމާތުތައް ދިނުމަށް އުޒުރުވެރި ވާ ކަމަށެވެ.