ޖެހިލުމެއްނެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް އިސްލާމީ ޝަރީއަތް ގާއިމް ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައާ ގުޅިގެންނެވެ.

އުމަރު ވިދާޅުވީ، ޖެހިލުމެއްނެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް އިސްލާމީ ޝަރީއަތް ގާއިމް ކޮށްގެން މަނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

އުމަރު ވަނީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ކެރޭ ވެރިކަމެއް ދިވެހިން އަދި ދެކޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ދުވަހަކުން މީހުން މެރުމާ، ޑްރަގާ، ވައްކަމާ، ފޭރުމާ، ރޭޕް ފަދަ ކުށްތައް މުޅިންހެން ހުއްޓިގެންދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ޝިއާއު މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ އަލީ ޝާހިލްއެވެ. އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ޝާހިލް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި، އެ ހާދިސާ ހިނގި ސަރަހައްދުންނެވެ.

ޝާހިލް ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައްވާފައެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްފައިވާއިރު ޝިއާއު މަރާލުމުގެ ކުރިންވެސް ދެމީހުން ޒުވާބު ކުރާ އަޑު އެ ގޭތެރެއިން ވަނީ އިވިފައެވެ.