ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުންނާއި މުދައްރިސުންގެ އިލްމީ ގާބިލުކަން އިތުރުކޮށް ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށެވެ.
ރައީސް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އައު އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް ވަނީ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު ކިޔަވާކުދިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއްވާ ކަމަށާއި އެގޮތުން ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއް ކަމަށާއި ދެވަނަ ކަމަކަށް އިގްތިސޯދު ކުރުމަކީ އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއް ކަމަށެވެ.
ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުގުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތައުލީމުގެ ފެންވަރު މަތިވެ، އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން ރައީސް ވިދާޅުވިއެވެ.