ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗެކިން ސިސްޓަމަށް މިދިޔަ ހަފްތާގައި ދިމާވި މައްސަލަ ހައްލުކޮށްފައި ވީ ނަމަވެސް މި 2 ދުވަހު އެއާޕޯޓަށް ބާރުބޮޑުވާނެ ކަަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.
މިދިޔަ ހަފްތާގައި އެއްޕޯޓްގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެއާޕޯޓުގެ ތޮއްޖެހުން ކުޑަނުކުރެވި، ކިޔުތައް ދިގުވެ އެތައް އިރަކު މަޑުކުރަން ޖެހުމުގެ ޝަކުވާ އަންނަ މީހުނާއި ފުރާމީހުން ގެންނަނީ ކުރުންނެވެ. އެއާޕޯޓުގައި ތޮއްޖެހުން އިއްޔެއަށް ވުރެ މިއަދު ބޮޑެވެ.
މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއޭސީއެލުން ބުނީ، ކުރިއަށް އޮތް ދެ ދުވަހަކީ އެއާޕޯޓްގެ މޫވަމަންތް ވަރަށް ބާރު ބޮޑުވާނެ 2 ދުވަސް ކަމަށާއި އެ ދެ ދުވަހު ގެ މަސައްކަތއް ވަރަށް ބުރަ ވާނެ ކަމަށެވެ.
މިހާރު ޑީބަގިންގެ މަސައްކަތްތައް ކުރާއިރު މުޅި އޮޕަރޭޝަން ހުއްޓުމަކަށް ނުގެނެސް ބައެއް ކައުންޓަރުތަކުން ޗެކިން ވާ ފަރާތްތަކުގެ މައުލޫމާތު މެނުއަލް ކޮށް އަޅަމުން އަންނަ ކަމަށް އެމްއެސީއެލުން ބުނެއެވެ.
މިހާރު ވެސް މައި އެއާޕޯޓްގައި ކިއުތައް ދިގުވެ ބައެއް ކައުންޓަރުތަކުން ޗެކްއިން ވުމުގައި ބޮޑުތަނުން ލަސް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
"އެރައިވަލްވެސް އެވަރު، އިމިގްރޭޝަން ނިންމާ ނުކުމެ ހުންނަތާ ގަޑި ދެގަޑިއިރު ވާއިރު ލަގޭޖް ނާދޭ، ބެލްޓްވެސް ހަލާކުވެފަ އޯ، އެހެންވެ އޯ ލަސްވަނީ، ހިތައް އަރާ މި ނަގާހާ ލާރި އާއި އަހަރެމެން ޕޭ ކުރާ ޓެކްސް ފައިސާ ދިރުވާލަނީ ނޫންބާއޭ" މިއަދު ރާއްޖެ އައި ދުވެއްސެއް ބުންޏެވެ.
އެއާޕޯޓްގެ ސިސްޓަމަށް މިފަދަ މައްސަލައެއް ދިމާވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. އެމްއޭސީއެލް އިން ކުރިން ބުނެފައި ވަނީ، ދިމާވީ ސޮފްޓްވެއާ މައްސަލައެއް ކަމަަށެވެ.
އެއާޕޯޓަކީ، ޑިވެލޮޕްމަންޓް ފީއާއި ހިދުމަތްތައް އަގުބޮޑު ތަނަކަށް ވާްއިރު އެކަށީގެންވާ ރަނގަޅު ހިދުމަތެއް ލިބެން ޖެހޭ ތަނެކެވެ. ނަމަވެސް ރާއްޖެ އަންނަ ފްލައިޓް ތަކަށްވެސް ނުޖެއްސި އެތައް އިރަކު މަތީގައި ބުރުޖަހަން ޖެހޭ މައްސަލަވެސް ދަނީ ހައްލު ނުވެ ދިގުލަމުންނެވެ.