ސަރުކާރަށް އަދި ދިވެހި އަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރެއްވި މއ.ހައިވަކަރުގޭ ހައިވަކަރު އަހްމަދުފުޅު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އަހްމަދުފުޅަކީ ސަރުކާރަށް ހިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަހްމަދުފުޅު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. އަދި އަވަހާރަވިއިރު އުމުރަކީ 89 އަހަރެވެ.

އޮކްޓޯބަރު 8، 1953 ގައި ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވި އަހްމަދުފުޅު އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ދިވެހި އަސްކަރިއްޔާގައެވެ. އެގޮތުން އަސްކަރިއްޔާގެ ހިދުމަތުގައި 24 އަހަރަށްވުރެ ގިނަ ދުވަހު އަހްމަދުފުޅު އުޅުއްވިއިރު އަސްކަރިއްޔާގެ އިސް މަގާމުތަކެއް ވަނީ ފުރުއްވާފައެވެ.

އޭގެ އިތުރުން އަހްމަދުފުޅު ވަނީ 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ. އެގޮތުން މުލަކަތޮޅު އަތޮޅުވެރިކަމާއި ފާދިއްޕޮޅު އަތޮޅުވެރިކަމާއި އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރެއްވިއެވެ.

އަހްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑާ ސެކްރެޓެރީކަމާއި ރެންޓަލްސް ޑިވިޒަންގެ އެސިސްޓެންޓް މެނޭޖަރުކަމާއި ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރު ކަމުގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭގެފަހުން ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަހްމަދުފުޅު ފުރުއްވިއެވެ.