ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ކުޑަތަން ވެފައިވާ އިރު އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދޭ ދަރިވަރުންގެ ތެރެއިން އަތޮޅު ތެރެއިން މާލެ ސަރަހައްދަށް 1500 ދަރިވަރުން ބަދަލުވާން އެދިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، އާ އަހަރު ފެށެން ގާތްވެފައިވާ މި ދަނޑިވަޅުގައި ވެސް އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް ގިނަ އެޕްލިކޭޝަންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި އަތޮޅު ތެރެއިން މާލެ ސަރަހައްދުގައި ހުރި ސްކޫލަތަކަށް ބަދަލުވާން އެދި ގިނަ އެޕްލިކޭޝަންތަކެއް ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން މާލެ ސަރަހައްދުގައި ސްކޫލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ސްކޫލްތަކެއް ބިނާ ކުރުމުގެ މަސައްކަތް ވެސް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ތެރޭ ސްކޫލް ބަދަލުވުމަށް 5260 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އޭގެތެރެއިން މިހާރު 5100 އެޕލްިކޭޝަނަށް އެޓެންޑް ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިހާރުވެސް ސްކޫލް ބަދަލު ކުރުމަށް އެޕްލިކޭޝަން ހުށަހަޅަމުން އަންނަ ކަން ފާހަގަ ކުރަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދަރިވަރުން ސްކޫލް ބަދަލު ކުރުމުގެ ކަންކަން މުޅިން ނިމޭނީ ސްކޫލް ފެށިގެން ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.
ބަދަލުވާ ދަރިވަރުންގެ އެޕްލިކޭޝަންތަކަށް ބަލާއިރު އެންމެ ގިނަ އެޕްލިކޭޝަން ލާފައި ވަނީ އަތޮޅު ތެރެއިން މާލެއަށް ބަދަލުވާ ދަރިވަރުންގެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ ގޮތުން 1500 އެޕްލިކޭޝަން އަކީ އަތޮޅު ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދަރިވަރުން ބަދަލު ކުރުމަށް އެދިފައިވާ އެޕްލިކޭޝަންތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުމްލަ 92300 ދަރިވަރުން މި އަހަރުގެ ދިރާސީ އާ އަހަރު ތައުލީމް ހާސިލް ކުރަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިއީ ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތައް ހިމަނައިގެންނެވެ. އެގޮތުން މިއަހަރު މާޅެ ސަރަހައދުގައި ދަރިވަރުން އިތުރުވަމުން އަންނަ ކަން ފާހަގަ ކުރަމުން އެ މިނިސްޓްރީން ބުނީ، އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އާއިލާތައް އައިސް އާބާދުވާން ފެށުމުގެ ނަތީޖާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ގިނަ ބަޔަކު ދިރިއުޅެން ފަށާނެ ކަމަށާއި އެކަމަށް ތައްޔާރު ވުމުގެ ގޮތުން މިހާރު އިތުރު ސްކޫލްތަކެއް ވެސް އެލޫމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.