މޫސުމަށް އަންނަ ބަދަލުތަކާ، ވިލުންތެރި މަސައްކަތްތަކަށް ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސް އެއިޑް) އިން ރާއްޖެއަށް ޖުމްލަ 3 ލައްކަ ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

ޔޫއެސް އެއިޑުން ބުނީ، ރާއްޖެއަށް ހިލޭ އެހީ ދޭން ނިންމީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނެން އެހީތެރިވާން ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި އެ ދާއިރާއިން ކުރާ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ.

ޔޫއެސް އެއިޑުން ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއުކުރީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާ އެކުގައެވެ. އެ ރަސްމިއްޔާތުގައި އެންވާރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ރަސްމިއްޔާތު ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް އިތުރުވަމުންދާ އިރު، މިކަންކަމުން އަރައިގަނެ، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރާ ހޭދަ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަމުގައި އަމިއްލަ ވިޔަފާރިތަކުގެ އެއްބާރުލުމާއި، ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ޔޫއެސް އެއިޑުން ފޯރުކޮށްދިން މާލީ އެހީއާއެކު އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޔޫއެސް އެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެއިން އެސްޑީއެފްސީއަށް 86،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް އެކްރެޑިޓްވާ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓިން އެންޓިޓީއަށް އެކުންފުނި ވުމަށް އެހީތެރި ވެދޭނެއެވެ. އެގޮތުން އެކްރެޑިޓްވުމާއެކު ގްރީން ކްލައިމެޓް ފަންޑުން ސީދާ ފަންޑިންއަށް އެކްސެސް ވެވޭނެއެވެ. ގްރީން ކްލައިމެޓް ފަންޑަކީ އދގެ ފްރޭމްވޯކް ފޯ ކްލައިމެޓް ޗޭންޖުގެ ދަށުން މިޓިގޭޝަންއާއި އެޑަޕްޓޭޝަނަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ މާލީ ނިޒާމެކެވެ.