ކޮވިޑްގެ ސަބަބުން އިގްތިސާދަށް ދިމާވި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ދުނިޔޭގެ ފެންވަރުގެ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާވުމަން ޑރ. އައިޝަތު މުނީޒާ ވިދާޅުވެއްޖެއެވެ.

ޑރ. މުނީޒާ މިހެން ވިދާޅުވީ، 9 ވަނަ "މޯލްޑިވްސް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް" ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމެވެ.

މިއަހަރު އޮންލައިންކޮށް ބައިވެރިންނަށް ހިލޭ ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކޮންފަރެންސްގެ ތީމް އަކީ: އިސްލާމިކް ފައިނޭންސް: އެ ކެޓަލިސްޓް ފޯ ޝެއާޑް ޕްރޮސްޕެރިޓީ"އެވެ. މި ކޮންފަރެންސްގައި 21 ގައުމަކުން މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، އަފްގާނިސްތާނު، ބަންގްލަދޭޝް، އައިވޮރީ ކޯސްޓް، އިތިއޯޕިއާ، ގާނާ، އިންޑިއާ، އިންޑޮނޭސިއާ، މެލޭޝިޔާ، މޮރިޝަސް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕިންސް، ސޯމާލިއާ، ސައުތު އެފްރިކާ، ސްރީލަންކާ، ސޫދާން، ގެމްބިއާ، ތުރުކީ، އެމެރިކާ އަދި ޔޫއޭއީ ހިމެނެއެވެ.

މި ފަހަރުގެ ކޮންފެރެންސްގައި ކީނޯޓު ސްޕީކަރެއްގެ ގޮތުން މެލޭޝިޔާގެ ސެންޓްރަލް ބޭންކުގެ ދަށުން ހިންގަވާ އިންސެފް ޔުނިވާސިޓީގެ ޕްރެޒިޑެންޓް އަދި ސީއީއޯ ކުކަމުގައިވާ ޕްރޮފެސާ ޑާތޯ އަޒްމީ އުމަރު މުހާތަބުކުރެއްވި އިރު، ފަގީރުކަން ނައްތާލުމަށް އިސްލާމިކް ފައިނޭންސް ބޭނުން ކުރެވޭނެ ގޮތްތަކުގެ މައްޗަށް އޭނާ އަލިއަޅުވާ ލެއްވިއެވެ.

ކޮންފަރެންސް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ކޮންފަރެންސްގެ ޗެއާޕާސަން، އެސޯސިއޭޓަޑް ޕްރޮފެސާ ޑރ އާއިޝަތު މުނީޒާ ފާހަގަކުރެއްވި ގޮތުގައި، ކޮވިޑްގެ ސަބަބުން އިގްތިސާދަށް ދިމާވި ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ކުރިއެރުންތަކެއް ހޯދާފައެވެ.

އެގޮތުން ރެފެނިޓިވް އިން އަހަރަކު އެއް ފަހަރު ޕަބްލިޝްކުރާ ދުނިޔޭގެ އިސްލާމިކް ފައިނޭންސް ކުރިއެރުމާ ގުޅޭ 2021 ވަނަ ރިޕޯޓުގައި ޝާއިއުކުރި އިސްލާމިކް ފައިނޭންސް ޑިވެލޮޕްމެންޓް އިންޑިކޭޓާގެ 10 ވަނައިގައި ދިވެހިރާއްޖެ ހިމެނިފައިވުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޚުވިއެވެ. އަދި ހަމަ އެ ރިޕޯޓުގައި ދުނިޔޭގެ ތިންވަނަ، ތަކާފުލް ދާއިރާއަށް ވެސް ލިބަފައިވާ ކަމަށާއި އަދި ކޯޕަރޭޓް ގަވާނެންސް އިން ހަތަރުވަނަ ދިވެހިރާއްޖެއަށް ލިބިފައިވާކަން މުނީޒާ ފާހަގަ ކުރެއްވިއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޑރ މައުސޫމް ވިދާޅުވިގޮތުގައި މުސްލިމް ފްރެންޑްލީ ފަތުރުވެރިކަމަކީ ރާއްޖެއިން ވެސް އަހައްމިއްޔަތުކަން ދޭކަމެއް ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގައި 4 ޕެނަލް ޑިސްކަޝަންއަކާ އެއް ޕްރެޒެންޓޭޝަން ހިމަނާފައި ވެއެވެ. އަދި މި ކޮންފަރެންސްގައި ވާހަދައްކަވާ ފަރާތްތަކުގެ ތެރޭގައި ރާއްޖެއިން އަދި ރާއްޖެއިން ބޭރުގެ އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތްތައް ހިމެނެއެވެ.

މީގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު މަނިކު، މިނިސްޓްރީ އޮފް ފިނޭންސްގެ އިސްލާމިކް ފައިނޭންސް ކޮންސަލްޓެންޓް، ނަޝްވާ ބަދީއު، ކުރީގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓޮ އޮތޯރިޓީގެ ސީއީއޯ ފާތިމަތު ޝަފީގާ؛ ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެންބަރު ޑރ އިސްމާއިލް ނިޒާމް ހިމެނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޝަރީއާ ކޮމިޓީ މެންބަރު، ޑރ އިބްރާހިމް ޒަކަރިއްޔާ؛ އެޗްޑީއެފްސީ އަމްނާގެ ޝަރީޢާ ކޮމިޓީގެ މެމްބަރު، ޕްރޮފެސާ ޑރ ރުސްނީ ހަސަން؛ އަދި ކުރީގެ މިނިސްޓްރީ އޮފް ފައިނޭންސްގެ ލީގަލް ކޮންސަލްޓެންޓް، މަރިޔަމް ޝަވާދިން އަބްދުﷲ ވެސް ހިމެނެއެވެ.