ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި އަބްދުﷲ އަބްދުއްރަހީމް ދިރާގުގެ ބޯޑަށް ހަމަޖައްސައިފިއެވެ.

މިމަގާމަށް އޭނާ އައްޔަނުކުރީ އިއްޔެއިން ފެށިގެންނެވެ. އަބްދުﷲ އަބްދުއްރަހީމްއަށް ދިރާގުގެ ފަރާތުން ވަނީ ރަސްމީކޮށް ރޭ މަރުހަބާ ކިޔައިފައެވެ.

އަބްދުﷲ އަކީ ބިޒްނަސް އާއި އެކައުންޓިން ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ފަރާތެކެވެ. އަދި އެ ދާއިރާގައި ކުރިން އޭނާ ވަނީ މަސައްކަތް ވެސް ކުރައްވާފައެވެ. އަދި އޭނާ އަކީ އަމިއްލަ ވިޔަފާރި ވެސް ކުރައްވާ ބޭފުޅެކެވެ.

ރައީސް އޮފީހުން ނަން ފޮނުވުމުން ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.