ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެއްގެ ޗެއިން އޮފް ކަސްޓޮޑީގެ ތާރީހު ނުބައިކޮށް ޖަހާފައިވާ ކަމަށް، ފުލުހުން އެއްބަސްވެއްޖެއެވެ.

ޔާމީންގެ އިތުރުން، އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ ކޮށްފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އާރަށުގެ މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް، އެ މައްސަލައިގައި ދައުލަތުން ހުށަހެޅި އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހަކު ވަނީ ހާޒިރުކޮށްފައެވެ. އޭނާ އަކީ ޗެކް ޖަމާކުރި ލިޔުމުގައިވާ އަތުލިޔުންތައް ތަހުލީލުކުރި ފުލުހެވެ.

9:30 ގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެ ފުލުސް މީހާ ބުނީ، ލެބޯޓްރީ އަށް އެ ލިޔުންތައް ތަހްލީލުކުރަން ގެނައީ އިޖުރައާތުތައް ފުރިހަމަވުމުން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ތަކެއްޗާ ހަވާލުވަނީ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ނަމައެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީގައި ފުލުހުން ނުބައި ތާރީހެއް ލިޔެފައިވާ ކަން ޔާމީންގެ ވަކީލުން ވަނީ ފެންމަތިކޮށްފައެވެ. އެ ލިއުމުގައި ހެކި ހޯދި ތާރީހަކަށް ޖަހާފައި އޮތީ އޮގަސްޓް 23، 2026 އެވެ.

ޔާމީންގެ ވަކީލުން އެ މައްސަލަ ފެންމަތިކުރުމުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އުޅޭ ކަމަށް، އެ ފުލުސް މީހާ ވަނީ އެއްބަސްވެއެވެ. އޭނާ ބުނި ގޮތުގައި ތަހްގީގުގެ މަރުހަލާގައި އެކަން ފާހަގަވެފައެއް ނުވެއެވެ. ޗެއިން އޮފް ކަސްޓަޑީ ދިމާނުވާއިރު ތަހުލީލް ރިޕޯޓް ސައްހަވާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް އޮތަސް، ތަހުލީލްގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށެވެ.

ސަބަބަކީ އެ ލިއުން ލެބޯޓްރީ އަށް އައި އިރު އޮތީ ބަންދުކޮށްފައިވާތީ ކަމަށާއި، އޭނާގެ ތަހުލީލްގެ ނަތީޖާއަށް ފަހު، އޭނާގެ އިސްވެރިއަކު ވެސް އެ ތަހުލީލު ކަށަވަރުކޮށްފައިވާތީ ކަމަށް ވެސް، އެ ފުލުސް މީހާ ބުންޏެވެ.

އެ މައްސަލަ ފެންމަތިވުމުން ދައުލަތުން ވަނީ ޗެއިން އޮފް ކަސްޓަޑީ އާ ގުޅޭގޮތުން އިތުރަށް ސުވާލުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް، ހެކިބަސް ނެގުމުގެ މަރުހަލާގައި އިތުރު ސުވާލުތަކެއް ދައުލަތަށް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ދައުލަތަށް ސުވާލުކުރުމުގެ ފުރުސަތު، މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނުދެއްވިއެވެ.

އެ ހެއްކަކީ ޔާމީންގެ އިތުރުން، ޔޫސުފް ނައީމާ ދެކޮޅަށް ހުށަހެޅި ހެއްކެއް ނަމަވެސް، ޔޫސުފް ނައީމްގެ ފަރާތުން އެ ހެކިވެރިޔާ އާ ކުރާނެ ސުވާލެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އެދުވަހު ވެސް އޮންނާނީ ދައުލަތުގެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ.