"މިނިވަންކުރޭ "ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން 3 މީހަކު ވަނީ ހައްޔަރު ކޮށްފިއެވެ.

މި އިހުތިޖާޖަކީ ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން މިނިވަން ކުރަން ގޮވާލައި ކުރިއަށް ގެންދިޔަ އިހުތިޖާޖެކެވެ.

މީގެ އިތުރުން މި އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނު ސްޓޭޖް ފަޅިއެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި އިހުތިޖާޖުގައި ފުލުހުން ވަނީ އިހުތިޖާޖު ކުރި މީހުން ކުރިއަށް ޖެހެން މަސައްކަތް ކުރުމުން ޕެޕަ ސްޕްރޭ ވެސް ޖަހާފައެވެ.

ޔޯގާ ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާއި އެ ޕާޓީގެ ކައުންސިކް މެންބަރަކުވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ޔޯގާ ހަރަކާތް ހިންގި ވަގުތު ބަޔަކު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށް އޭނާގެ ގާނޫނީ ވަކީލު އަލީ ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހު ވިދާޅުވީ މުހައްމަދު އިސްމާއީލް އެދުވަހުގެ ހަރަކާތުގައި އޭނާ ގަލޮޅު ދަނޑަށް ވަދެވަޑައިގެންފައިވެސް ނުވާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގަން އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރުކޮށްގެން އުޅެނީ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ކަމަށް ވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުުރުމާ ގުޅިގެން ޕީޕީއެމް އިން ވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށާއި ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރަނީ ކަމަށް ބުނެފައެވެ.

ޔޯގާ ހަރަކާތް ހިންގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި މީގެ ކުރިން 21 މީހަކު ހައްޔަރުކުރިއެވެ. އަދި އޭގެ ތެރެއިން ހަ މީހަކު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އިއްޔެ ވަނީ މިމައްސަލާގައި އިތުރު 2 މީހަކު ހައްޔަރު ކޮށްފައެވެ.