އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ރިސޯޓެއްގައި ހުއްޓާ ހައްޔަރު ކޮށްފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގައި 46 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ނާޒިމް ހައްޔަރު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާ، އެއީ ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްހަމަޖައްސައި ދިނުމަށް ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ނުސީދާ ފާޑުވިދާޅުވުން ރައީސް ސޯލިހަށް ވަނީ އަމާޒު ކުރައްވާފައެވެ.
ނާޒިމް ހައްޔަރުކުރަން ކޯޓު އަމުރު ނެރުމާއެކު ރިސޯޓަކަށް ވަޑައިގެން ކަމުގެ އަޑުތައް ގަދަވި ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ނާޒިމް ހައްޔަރުކުރަން ފުލުހުން އޭނާއަށް ގުޅިކަމަށާއި އެ ވަގުތު ވެސް ނާޒިމް ހުންނެވީ ރިސޯޓުގައި ކަމަށެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރް އާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވެފައި ވާއިރު އެކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނާޒިމް ސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު މިއަދު ވަނީ ހައްޔަރު ކޮށްފައެވެ.
މި މަހުގެ 13 ވަނަ ދުވަހު އަލަމްގިރް ހައްޔަރު ކޮށްފައި ވާއިރު އޭނާ ހައްޔަރު ކޮށްފައި ވަނީ ވީޑިއޯ ނަގާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައެވެ.
ރާއްޖެޓީވީގައި ކުރިން މަސައްކަތް ކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ލީކްވެފައި ވެއެވެ.