ކަސްރަތުގެ ނަމުގައި އަދި އެހެން ނަމެއްގައި ވެސް ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުން މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަން ބަޔާންކޮށް، 104 އިލްމުވެރިން ސޮއިކުރައްވައި އިލްމީ ރިޕޯޓެއް ނެރެފިއެވެ.

އެ ރިޕޯޓުގެ ހުލާސާ ބަޔާނުގައިވާ ގޮތުން، އިލްމުވެރިން ޔޯގާ ހަރާމްކަމަށް ފަތުވާއެއް ނެރުއްވާފައި ވަނީ މިމަހުގެ 15 އިން 18 އަށް، ޔޯގާގެ ހުކުމާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން ދިރާސާތައް ކުރެއްވުމަށް ފަހުގައެވެ.

އިލްމުވެރިންގެ ގުޅުމުން އާންމުކުރި ރިޕޯޓުުގައިވާ ގޮތުން، ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ޔޯގާ ފެތުރުމުގެ މަގްސަދަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫން ކުރާ އަޅުކަންތައް ކުރުވުމާއި، ހިންދޫންގެ ކަންކަމަށް ލޯބި ޖައްސުވައި އެކަންކަމަށް ތަބާވާ ބަޔަކަށް އާންމުން ހެދުމެވެ.

އޭގެ އިތުރުން، ޔޯގާއަކީ ޝިރުކު އެކުލެވިގެންވާ ކަމެއް ކަމުގައި ވެސް، އެ ރިޕޯޓުގައިވެއެވެ.

"ވީމާ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމަކަށްވާތީ، ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަނުވާ ގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީގޮތުން ހުއްދަ ނުވާނެއެވެ. އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެކެވެ." ރިޕޯޓުގައި ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ވެސް ޔޯގާ މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަން ބަޔާންކޮށް އިލްމީ ރިޕޯޓެއް ނެރެފައި މި ވަނީ، ވަކި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ ޔޯގާ ހުއްދަކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށެވެ. ހަމަ އެއާއެކު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ވަނީ ޔޯގާ ހަރާމްކުރައްވާފައިވާ ކަމަށް ބުނެ، ދަލީލުތަކާ އެކު އިލްމީ ރިޕޯޓެއް ނެރެފައެވެ.

ސަރުކާރާއި އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވާފައި ވަނީ މިދިޔަ މަހުގެ 21 ގެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައެވެ. ޔޯގާގެ ހަރަކާތް ހިނގަމުން ދިޔަ ވަގުތު އެ ހަރަކާތް ހުއްޓުވުމަށްޓަކައި ޒުވާނުންތަކެއް އެ ދުވަހު ވަނީ ދަނޑު ކައިރިއަށް އެއްވެ، އެތެރެއަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. އެ މައްސަލައާ ގުޅިގެން ދީނީ 2 އިލްމުވެރިޔަކާ އެކު ޖުމްލަ 21 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ވަނީ ދޫކޮށްކާފައެވެ.

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވެފައި ވާއިރު، ޔޯގާގެ ހަރަކާތާ ގުޅިގެން، ފަތުވާދޭ އެންމެ މަތީ މަޖިލިހުން ފަތުވާއެއް އަދި ނެރެފައެއް ނުވެއެވެ. އަދި ޔޯގާ ދުވަސް ފާހަގަނުކުރުމަށް އެދި އިސްލާމިކް މިނިސްޓްރީން ސިޓީ އެއް ހުށަނާޅާ ކަމަށް، ޔޫތު މިނިސްޓްރީން ވެސް މީގެ ކުރިން ބުނެފައި ވެއެވެ.