ސަރުކާރުން ޓެކްސްތައް ބޮޑުކުރަން ނިންމާފައިވާ ނިންމުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ތާއިދުކުރައްވާ ކަމަށާއި އެއީ މި ވަގުތި ކޮންމެހެން ކުރަން ވެސް ޖެހިފައި އޮތް ކަމަށެވެ. އަދި ތެލާއި އަސާސީ އެހެން ވަރަށް ގިނަ ތަކެތީގެ އަގު އުފުލުމާ ގުޅިގެން ސަރުކާރުން ސަބްސިޑީ އަށް ވެސް އެތައް މިލިއަން ރުފިޔާ ހަރަދުކުރަން ޖެހިފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވަރުގަދަ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

ދާދިފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަންކުރަން ބުއްދިވެރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ވަނީ ލަފާދީފައެވެ.