މިދިޔަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 600 މިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ލިބިފައިވާ ކަމަށް، ގައުމީ ބޭންކް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު އާންމުކުރި، މި އަހަރުގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ދައްކާ ގޮތުން:

  • ހިންގުމުގެ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވޭ
  • އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އަށް އަށް ވުރެ 19 ޕަސެންޓު އިތުރު އަދަދެއް
  • ބީއެމްއެލްގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފަ

ބީއެމްއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ، ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއެކު، ބީއެމްއެލް މިއަދު އޮތީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ހާލަތެއްގައި ކަމަށެވެ."

ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުން ދާނަން." އޭނާ ވިދާޅުވިއެވެ.

އެއާއެކު، މި އަހަރު ބީއެމްއެލުން ތައާރަފްކުރި ބައެއް ހިދުމަތްތައް ވެސް ވަނީ ފާހަގަކޮށްފައެވެ، އޭގެ ތެރޭގައި ހިމެނެނީ:

  • ޑިޖިޓަލް ވޮލެޓްގެ ހިދުމަތް: އެ ހިދުމަތުގެ ސަބަބުން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓާއި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާގެ ހިދުމަތް ލިބޭނެ
  • އާރުޓީއެލް ނެޓްވޯކަށް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފްކުރުން: އެ ހިދުމަތް ތައާރަފްކުރަނީ މާސްޓާކާޑާއި އެމްޓީސީސީ އާ ގުޅިގެން

އޭގެ އިތުރުން، ބީއެމްއެލަށް 40 އަހަރު ފުރުމާ ގުޅިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ހިންގާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ. އެގޮތުން:

  • ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  • އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ" އިފްތިތާހުކުރުން
  • ރަށްރަށުގައި އަހަރަކު ބައިލައްކަ ގަސް އިންދުމުގެ މަގްސަދުގައި "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކުރުން

ބީއެމްއެލްގެ ބޭންކިން ވިއުގައަށް ބަލާލާއިރު:

  • ހުރިހާ އަތޮޅެއްގައި ޖުމްލަ 35 ބްރާންޗު
  • 81 ސެލްފް ސާވިސް ސެންޓަރު
  • 139 އޭޓީއެމް
  • 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން