އެއްގަމު ދަތުރުފަތުރުގެ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ފެށުމާއެކު، އަވަށްޓެރި ސްރީލަންކާގެ ބާޒާރުތަކުގައި ތަރުކާރީއާއި މަހުގެ އަގުތައް ކޮންމެވެސް ވަރަކަށް ދަށަށް ހިނގައްޖެއެވެ.

ސްރީލަންކާގެ އެތެރެވަރީގެ ބާޒާރުތަކުގައި ވިޔަފާރި ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި، ތެލުގެ ސަޕްލައި ލިބެމުން ދާ ކަމުގައި ވަނީ ނަމަ، ތަރުކާރީގެ އަގުތައް އަދިވެސް އިތުރަށް ދާނީ ހެޔޮ ވަމުންނެވެ.

އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން މިދިޔަ ދުވަސްތަކުގައި ދަނޑުވެރިން، ދަނޑުބިންތަކުގެ އުފެއްދުންތައް ހިފައިގެން ބާޒާރުތަކަށް ދަތުރުކޮށް ހެދުން އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ނަމަވެސް ހޮނިހިރު ދުވަހުން ފަށައިގެން އެތެރޭގެ ބާޒާރުތަކަށްވެސް ދަނޑުބިންތަކުގެ އުފެއްދުންތައް ވިއްކަން ދަނޑުވެރިން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

އަގުތައް ހެޔޮވި ގޮތަށް ބަލާއިރު މެނިންގް މާކެޓްގައި 20 ޕަސެންޓަށް އަގުތައް ދަށަށް ދިޔަ ކަމަށް، މެނިންގް ޕަބްލިކް ޓްރޭޑް އެސޯސިއޭޝަންގެ ޑެޕިއުޓީ ޗެއާމަން ޕްރަބާތު ސުޝާންތާ ވަނީ ވިދާޅުވެފައެވެ.

މަހުގެ އަގުތައްވެސް ދަށްވެފައި ވަނީ، މަސް އުފުލާ އުޅަނދުތަކަށް ބޭނުންވާ ތެލުގެ ސަޕްލައި ކަށަވަރު ވުމުން ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސްރީލަންކާއިން ބޭރު ފައިސާގެ ރިޒާވް މުޅިންހެން ހުސްވެ، ތެލާއި އެނޫންވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރާނެ ފަދައެއް ނެތި، ގައުމު ހާލުގައި ޖެހި، އާންމުންނަށް ތަކުލީފު އުފުލަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށިއެވެ. މުޒާހަރާތަކަށް 3 މަހެއްހާ ދުވަސް ވީ އިރު، ރައީސް ކަމުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަ ވަނީ ގައުމުން ފިއްލަވައިވެގެން ވަޑައިގަތުމަށްފަހު، އިސްތިއުފާ ދެއްވާފައެވެ.

ސްރީލަންކާގެ ރައީސް ކަމުގައި މިހާރު ހުންނެވީ މިދިޔަ ހަފުތާގައި އެ މަގާމަށް އައްޔަން ކުރެއްވުނު ރަނީލް ވިކްރަމަސިންހައެވެ.