އަވަށްޓެރި ސްރީލަންކާގައި ވެރިކަން ސްރީލަންކާ ޕީޕަލްސް ފްރަންޓްގެ ޒަމާންވީ މެންބަރު އަދި ސިޔާސީ މަސްރަހަށް ނުފޫޒުގަދަ ކުރި ރާޖަޕަކްސަ ހާންދާނުގެ އަރިސް ބޭފުޅެއް ކަމަށް ވާ ދިނޭޝް ގުނަވަރުދަނާ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.

ދިނޭޝް ގުނަވަރުދަނާ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި ވަނީ، ސްރީލަންކާގައި މިހާރު އޮތް ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އާންމުން، ވެރިރަށް ކޮޅުނބުގައި މުޒާހަރާ ކުރިއަށް ގެންދިޔަ މައި ސައިޓް، އަސްކަރިއްޔާގެ ބާރާއެކު ރޫޅާލިތައް ގަޑިއިރުތަކެއް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

ދިނޭޝް ގުނަވަރުދަނާ، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފައި ވަނީ، ޖުލައި 20 ވަނަ ދުވަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެވުނު ރަނީލް ވިކްރަމަސިންހަގެ ކުރިފުޅުމަތީގައެވެ.

އުމުރުފުޅުން އެންމެ 3 އަހަރުން ފެށިގެން އެކުވެރިންގެ ގޮތުގައި ސްކޫލް ދައުރުގައިވެސް އެކުގައި އުޅުއްވި ވިކްރަމަސިންހައާއި ގުނަވަރުދަނާއަކީ ސިޔާސީ ފިކުރުގައި އިންތިހާ ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވާ 2 ބޭފުޅުން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު އުމުރުފުޅުން 73 އަހަރު ވެފައި ވާ 2 ބޭފުޅުންގެ ސިޔާސީ ފިކުރަށް ބަލާއިރު ވިކްރަމަސިންހައަކީ ހުޅުވާލެވިފައިވާ ބާޒާރުގެ ފިކުރާއި ހުޅަނގުގެ ސިޔާސީ ރޫހަށް ތާއީދު ކުރައްވާ ބޭފޫޅެކެވެ. ނަމަވެސް ގުނަވަރުދަނާއަކީ ސިންހަޅަ ނޭޝާނަލިސްޓް ފިކުރު ގަބޫލު ކުރައްވާ ބޭފުޅެކެވެ. އިގުތިސީ ނަޒަރިއްޔާގައި ގުނަވަރުދަނާ ގަބޫލު ކުރައްވަނީ ދައުލަތުގެ ބޮޑު ކޮންޓްރޯލެއް އިގުތިސޯދުގެ މައްޗަށް ހިންގެން ޖެހޭނެ ކަމަށެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ އާ ވަޒީރުންގެ މަޖިލީސްވެ މަގާމުގެ ހުވާ ކުރައްވާނެއެވެ.

ރައީސް ވިކްރަމަސިންހަ ވަނީ ސަރުކާރުން އާ މޫނުތަކެއް ފެނިގެންދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅު ފެކްޝަނުގެ މެންބަރުންވެސް ޝާމިލު ކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ.