އަރަބިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީއަށް އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން ސިޓީއެއް ފޮނުވައިފިއެވެ.
މިދިޔަ ޓާމު ފެށުނު އިރު ޢަރަބިއްޔާ ސްކޫލު ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަށް ބަދަލު ކުރި އިރު، ފޮރިން މިނިސްޓްރީގެ ބޭނުމަށް އެތަނުން ނަގާފައި ހުރި ބައެއް ތަންތަން، ދެތިން ހަފްތާ ތެރޭގައި ހުސްކޮށް، ދަރިވަރުންގެ ކްލާސްރޫމް ހަމަކުރާނެ ކަމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.
ނަމަވެސް އެ ޓާމު ނިމި އާ ދިރާސީ އަހަރެއް ފަށަން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ގިނަ އަދަދެއްގެ ކުދިން އަރަބިއްޔާއަށް އަލަށް ވަން އިރުވެސް އެކަން ނުވާ ކަމަށް ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި މިޓާމު ސްކޫލު ހުޅުވުމުގެ ކުރިން އެތަން ހުސްކޮށްފައި ހަވާލުކުރުމަށާއި ދަރިވަރުންނަށް ޖާގަ ތަނަވަސް ކޮށްދިނުމަށް ބެލެނިވެރިން ވަނީ އެދިފައެވެ.
އެސިޓީގައި އިތުރަށް ބުނީ، ފެންނަމުން ދަނީ މިހާ ޖާގައިގެ ދަތިކަން އޮތްއިރުވެސް އެފަދަ ދަތި ދޭތެރެއެއްގައި، ފޮރިން މިނިސްޓްރީގެ އޮފީހެއްވެސް ހިންގަމުންދާ ތަން ކަމަށެވެ. އަދި ބޭނުންނުކޮށް ހުހަށްހުރި ބައެއް ތަންތަންވެސް ހުރި ކަން އެސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
މިފެށޭ ދިރާސީ އާއަހަރު އިތުރު ކްލާސްތަކަށް ޖާގަށް ބޭނުންވެފައިވާ ކަމަށް އެސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބަކަށް ބުނެ ކުލާތަކުގައި ކުދިން ތޮއްޖައްސާ، ދެޖިންސްގެ ކުދިން މައްސުނިކޮށް ހެދުމަކީ އަރަބިއްޔާގެ ބެލެނިވެރިން އެއްގޮތަކަށްވެސް ޖާާގަދޭނޭ ކަމެއް ނޫން ކަމަށާއި މިކަމަށް އަވަހަށް ހައްލެއް ގެނައުމަށް ވަނީ އެދިފައެވެ.
1000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލްގެ އިމާރަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކުދިން ބަދަލު ކުރަން އެޑިއުކޭޝަން އިން ފުރަތަމަ ހަމަޖެއްސީ އިއްޒުއްދީން ސްކޫލަށެވެ. ނަމަވެސް އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށް ދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.
އެ މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރައީސާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެ ސްކޫލަށް ބާ ޖަމާލުއްދީންގެ ބިން ހަމަޖައްސައި ދެއްވާފައެވެ. ނަމަވެސް އެތަނަކީ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ ބައި ހިންގާ ތަނެވެ.