ސ. ހުޅުދޫ އަދި ހުޅުމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލާ ހިލާފަށް ކުރަމުން ގެންދާތީ މަސައްކަތް ހުއްޓާލަން އަންގައިފިއެވެ.
އީޕީއޭއިން ބުނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ޖޫން 28، 2020 ގައި ދޫކޮށްފައިވާ ސ. ހުޅުދޫ އަދި ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރި ކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.
ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫ އާއި ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.
ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، 380,471 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 788,1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތް ހުއްޓާލަން އީޕީއޭއިން ބުނެފައިވާ އިރު، މި މަސައްކަތުގެ 88 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ދ