މިއަދުގެ ވަގުތެއްގައި ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރި ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާއަށް ގޮވާލާ، ގޯލް ފޭސް ސަރަހައްދުގައި މުޒާހަރަތައް ވަރުގަދަ ކޮށްފިއެވެ.

އިނދަޖެހިފައި އޮތް ސްރީލަންކާގެ ރިޔާސަތުގައި ހުންނެވި ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، ގޯލް ފޭސް ސަރަހައްދު ފުރާލި މުޒާހަރާތައް ގައުމުގެ އެކި ހިސާބުތަކަށް ފެތުރި، ގައުމު ދޫކުރައްވާ ފިއްލަވަން މަޖުބޫރުވެވަޑައިގެންނެވި ދަރަޖައަށް ކުރިއަށް ގެންދިޔަ މުޒާހަރާތައް، މިހާރު އަމާޒު ކޮށްފައި ވަނީ ރަނިލްގެ ސަރުކާރު ވައްޓާލުމަށެވެ.

ގޮތަބާޔާގެ އިސްތިއުފާއާ ގުޅިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހު ސްރީލަންކާގެ ރައީސް ކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މީޑިއާއަށް މައުލޫމާތު ދެމުން، ގޯލް ފޭސް މުޒާހަރާގެ ބައިވެރިން ބުނީ ޑިމާންޑަކީ ރަނިލް މަގާމުން ފައިބާވަޑައިގަތުން ކަމަށެވެ. އެ މަގާމަށް ރަނިލް ވިކްރަމަސިންހަ ވަޑައިގަތީ އާންމުންގެ ރުހުމުގައި ނޫން ކަމަށް ވުމުން، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަންދެން ސުލްހަވެރި ކަމާއެކު މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އިސް ކުރެއްވީ ރައްޔިތުންގެ ފިކުރާ ދެކޮޅަށް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

އެމްޕީ ދުއްލާސް އަލަހަޕެއްރުމާއާ ވާދަ ކުރައްވާ، ސްރީލަންކާގެ ރައީސް ކަމުގެ މަގާމު ވިކްރަމަސިންހަ ކާމިޔާބު ކުރެއްވީ 134 މެންބަރުންގެ ތާއީދާއެކުގައެވެ. ސްރީލަންކާގެ ރައީސް ހޮވުމަށް އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި 223 މެންބަރުން ވޯޓުދެއްވިއެވެ. 2 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 4 ވޯޓެއް ބާތިލު ކަމަށް ވަނީ ކަނޑައަޅާފައެވެ.